ފުވައްމުލަކު ގެ ނަން އެކި އެކި ގޮތްތަކަށް ބޭނުން ކުރެވެއެވެ. ފުވައްމުލައް ނަމުގެ އަސްލަކީ ކޮބާތޯއެވެ. ބުނޭވޭގޮތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ ފެން ފޯއް ރުއްތައް ހެދިފައި ހުރީ ފުވައްމުލަކުގައެވެ. ފުވައްމުލަކު “ވެޑި” ފަހަރު ކޮޅޮބަށް ދަތުރު ކުރި އިރު އެ “ވެޑި” ފަހަރުން ދަތުރު ކުރާ މީހުންނަކީ ވަރަށް ސިންހަޅަ އަށް ދޯޅަ ބަޔަކަށްވި އެވެ. އިގިރޭސީ ބަހުން ކިޔާ BETEL NUT  ނުވަތަ  ARECA NUT އަށް ސިންހަޅާގެ ބަހުން ކިޔަނީ “ޕުވަކު” (PUWAK) ފުވައްމުލަކު މީހުންނަށް ދަސްވިއެވެ.  ބުނެވޭގޮތުގައި ސިންހަޅަ އިން ތަކެތި ގިނަ އިން ހުންނަ ތަންތަނަށް ކިޔަނީ ” މުއްލަ” އެވެ. “ފުވައް” ގިނަ އަދަދަކަށް މި ރަށުގައި ހުރުމުގެ ސަބަބުން މިރަށު މީހުންނަށް މިއީ ފުވައްދަނޑެއް ގޮތުގައި ސިފަވެ، ސިނަހަޅަ ބަހުގެ އަސްލަކަށް ބެލިގެން ” ޕުވައް މުއްލަ” މިބަހުގެ ތެރެއިން ވުޖޫދުވިއެވެ.

“ޕުވައްމުއްލާ” އަކީ ފުވަމުލަކު ގެ “ވެޑި” ފަހަރު ކޮޅޮބަށް ވަނުމުން ، އެވެޑިފަހަރަށް އަރާ ސިންހަޅަ އިން އޮޑީގައި ތިބޭ މީހުންނާ މުޚާތަބު ކުރާ އިރު މިއީ ޕުވައްމުއްލާ މީހުނޭ ބުނާ ކަމަށް އެ ވެޑި ފަހަރުން ދަތުރު ކުރި ބައެއް މީހުން ބުނެފައި ވެއެވެ. ކޮޅޮބު ދަތުރުތައް ފެށުމުގެ ކުރިން “އައްޑޫ މުލައް” މިގޮތަށް ރާއްޖޭގެ އެކި ހިސާބުގައި އުޅޭ މީހުން ވަކިން ޚާއްސާކޮށް މާލޭގެ ބަނދަރު މަތިން އުޅޭ މީހުން މިރަށަށް ކިޔާ އުޅުނު ކަމަށްވެއެވެ. މިހެން ކަންމަށް ވަންޏާ ” މުލައް” އެއީ މިރަށުގެ އަސްލު ނަން ކަމަށް ވުން ވެސް އެކަށީގެންވެއެވެ. “މުލައް” މިލަފްޒުގެ ކުރިޔަށް “ޕުވައް” އައިސްފައިވަނީ ސިންހަޅައިން މިރަށު މީހުން ވަކި ކުރުމަށް ބޭނުންކުރި ބަހުގެ ތެރެއިން ކަމަށް ބެލެވިދާނެއެވެ. 

ފުވައްމުލަކު އޮފީހުގައި ހުރި އެންމެ ދުވަސްވީ ލިޔުންތަކުން ވަކިން ޚާއްސަކޮށް ލެޓިނުން ލިޔެފައިވާ ލިޔުންތަކުގައި ފުވައްމުލަކުގެ ނަން ލިޔެފައިވަނީ “ފޯއްމުލައް” (FOAMMULA) މިގޮތަށެވެ. ދޫދޫމަތިން ދެކެވޭ ވާހަކަ ތަކުން ފޯއްމުލަކުން ފޯއްކަނޑާލުމަށް 1980 ގެ ކުރީކޮޅު ފުވައްމުލަކު އަތޮޅު އޮފީހުން ސިޓީއެއް ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވިކަމަށްވެއެވެ. ބުނެވޭ ގޮތުގައި އެސިޓީގައި އޮތީ “ހަވަރު ތިނަދޫން ހަވަރު ކަނޑާލި ގޮތަށް ފޯއްމުލަކުން ފޯއްމުލަކަނޑާ ދެއްވުމުން ލޮބުވެތީ ރައީސުލް ޖުމްހޫއްޔާގެ އަރިހުން ނުހަނު އިޚްލާސްތެރިކަމާއެކު އެދެމެވެ.” އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޯއްމުލަކުގެ ފޯއް ކަޑުއްވާ. “ފުވައްމުލައް” މިގޮތަށް ބަދަލު ކުރެއްވިއެވެ.  އޭގެ ފަހުން ސަރުކާރުގެ ބައެއް އޮފީސް ތަކުނާއި ، އާއްމު ރައްޔިތުންގެ ފުވައްމުލަކުގެ ނަން ” ފުވައްމުލައް” (FUVAHMULAH)، “ފުއައްމުލައް” (FUAHMULAH) އަދި “ފޯއްމުލައް” (FOAMULA)  އަދި ބައެއް ފަހަރު އިގިރޭސީ އަކުރު ލިޔާއިރު (FUVAMMULAK) މިގޮތަށް ވެސް ބޭނުން ކޮށްފައި ހުއްޓެވެ. 

2010 ވަނަ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޤަރާރަކުން މިރަށުގެ ނަން ދިވެހިން ކިޔާނީ އަދި ލިޔާނީ ” ފުވައްމުލައް” އަދި އިގިރޭސިން ލިޔާނީ (FUVAHMULAH) މިގޮތަށް ކަމަށް ކަނޑައަޅައި ކައުންސިލްގެ 06 މެމްބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. އަދި އެކަން އާއްމުކޮއް އިޢުލާންކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ، ގެޒެޓް ކުރެވުނެވެ. މި ޤަރާރު ފާސްކުރި ކައުންސިލްގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އޭރު ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ސަޢީދުއެވެ.