ފުވައްމުލަކު ބަހަކީ އަޅުގަނޑު ވަރަށް ފަޚްރުވެރިވާ އެހާމެ ލޯބިވާ ބަހެކެވެ. މި ބަސް ދެކެ ލޯބިވަނީ އެންމެ ކުޑަ އިރު ވާހަކަ ދެއްކި ބަހަށް ވީތީ އެކައްޗެއް ނޫނެވެ. ބަހުގެ މުއްސަދިކަމާއި ހަމަތައް ވެސް ފުރިހަމަ ވެ ޗާލުކަމުންނެވެ. އަޅުގަނޑުގެ ރައްޓެހިންނާއެކު ވައިބަރ، ވަޓްސްއަޕް ފަދަ އެޕްލިކޭޝަން ތަކުގައި ރަށުބަހުން ޗެޓް ކުރާތީ ވަރަށް އުފާވެއެވެ. އަދި ރަށުމީހުން، ރަށުން ބޭރުން ކޮންމެ ތަނަކުން ބައްދަލު ވާއިރު ރަށުބަހުން ވާހަކަ ދައްކާތީ ވަރަށް ފަޚްރުވެރިވެއެވެ.

ފުވައްމުލަކު ބަސް އުފެދިފައިވަނީ ދިވެހި ބަސް އުފެދުނު ގޮތަށް މައްސުނި ބަސްތަކުގެ ތެރެއިންނެވެ. ރަސްމީ ބަސް ބޭނުން ކުރުމުގައި ހަމަ ތަކާއި ޤަވާއިދުތައް ދަސްކުރަން ޖެހުނަސް ފުވައްމުލަކު ބަހުގައި ހަމަތަކާއި ޤަވާއިދު ދަސްކުރާކަށް ނުޖެހެއެވެ. ފުވައްމުލަކު ބަސް ފުވައްމުލަކު މީހުން ބޭނުންކުރަނީ އެ ޤަވާއިދުގެ ތެރެއިންނެވެ. މިސާލަކަށް ރަސްމީ ބަހުގައި އެއްޗަކަށް ” އޯބޯފެލި” އަންނަ ކޮންމެ ތަނެއްގައި ފުވައްމުލަކު ބަހުން “އޮބްފިލި” އާއި އެކު “ލާމު” ގައި ސުކުން ކުރާނެއެވެ. މިސާލު ” ބޯ ” ގެ ބަދަލުގައި ” ބޮލް “، ” ލޯ ” ގެ ބަދަލުހައި ” ލޮލް” މިގޮތަށް އެންމެން ވެސް ބޭނުން ކުރެއެވެ. އަދި ރަސްމީ ބަހުގައި ނުހުންނަ ބައެއް ބަސްތައް ފުވައްމުލަކު ބަހުގައި ހުރުމުން ބަހަށް ފުރިހަމަކަން ލިބެއެވެ. މިސާލަކަށް ދެ އިގިލީގެ ދެމެދު އަތްތިލާއި ގުޅޭ ތަނަށް ” އަހުރު” ކިޔައެވެ. އައްޑު ބަހުގައި ” އަހުރު” ބޭނުންކުރެއެވެ. އަދި އިގިލީގެ ކުރީގައި ނިޔަފަތީގެ ތިރީގައި ހުންނަ ހިސާބަށް “ނޭރޮދި” މިގޮތަށް ކިޔައެވެ. އަދި އިގިލީގެ ކުރީގައި ނިޔަފަތީގެ ތިރީގައި ހުންނަ ހިސާބުން ހަންކޮޅެއް ފޮޅުމުން އެއަށް “ނޭރޮދި ކެނޑުން” ކިޔައެވެ. ” ނޭރޮދި” އަދި “އަހުރު” ފަދަ ބަސްތައް ރަސްމީ ބަހުގައި ނެތުމުން ލިޔަން ޖެހުނު ދިގުކަން މިހާރު އިހުސާސް ކުރެވެއެވެ.

ބައެއް ބަސްތައް ފުވައްމުލަކު ބަހަށް އަދި ރަސްމީ ބަހަށް ވެސް ވަދެފައިވަނީ ދުނިޔޭގެ އެހެން ކޮންމެވެސް ބަހެއްގެ ތެރެއިންނެވެ. ނުވަތަ ފެނުނު މަންޒަރުންނެވެ. ހަޑި ކިސަނޑު ނުވަތަ ތަތްކިލާ އަށް ފުވައްމުލަކު ބަހުން “ގެރިގަޑޮ” ކިޔާ އުޅެއެވެ. އެބަސް އައިސްފައިވަނީ ކޮޅޮބަށް ނުވަތަ ސިލޯނަށް ކުރި ދަތުރުގައި ފެނުނު އެފަދަ ތަނަކީ ގެރި އައްސާފައިވާ ތަނަކަށްވާތީއެވެ. ފެންފައިވާނައް “ޗައްޕަލް” ފުވައްމުލަކު މީހުން ބޭނުން ކުރަން ފެށީ އިންޑިޔާ ގެ “ޗައްޕަލް” ބަހުގެ ތެރެއިންނެވެ. ފުވައްމުލަކު ބަހުން ގަލަން ކިޔާނީ ގަލަމުގެ ކުރީގައި ފިހިކޮޅެއް ނުވަތަ ބޯލް ނުހުން ލިޔަން ބޭނުން ކުރާ އެއްޗަށެވެ. ބޯލް ޕެން “Ball pen” އަށް ފުވައްމުލަކު މީހުން ކިޔާނީ “ބައިރޯ” އެވެ. މި ބައިރޯ އައިސްފައިވަނީ އިގިރޭސިން ގަމުގައި އުޅުނުއިރު އެމީހުންގެ ތެރެއިންނެވެ. އެއީ އިގިރޭސި ބަހުގައި ހިމެނޭ “Biro” އެވެ. ދިވެހި ބަހަށް އިގިރޭސިންބަހުގެ ތެރެއިން އައިސްފައިވާ ބަސްތައް ހުރީ އޭރު އިގިރޭސިން ވާހަކަ ދައްކާ އުޅުނު އިރު އަޑު އިވުނު ގޮތަށް ކާބަފައިން ކިޔާގެން ކަމަށް ވުމަކީ ދުރުކަމެއް ނޫނެވެ. މިސާލަކަށް “ގުދަން” މިބަހުގެ އަސްލަކީ “Godown” އެވެ. ފުވައްމުލަކަށް މިބަސް އައިސްފައިވަނީ އިގިރޭސިންގެތެރެއިންނެވެ. އައްޑޫ މީހުންނަށް މުޚާތަބު ކުރެވޭ “އައްޑޫ ގޫ ބައްޓާ” އަކީ ވެސް އިގިރޭސިން އޭރު އައްޑޫ މީހުންނަށް ” Good Buddy” ތެރެއިން ކަމަށް ވެދާނެއެވެ. މިފަދަ ބަސްތަކުގެ ވާހަކަ ފަހުން ދައްކާނީއެވެ.

ފުވައްމުލަކު މީހުން ވާހަކަ ދައްކާ އިރު ކޮންމެ ވާހަކަ އެއް ނިމިގެން އެ ވާހަކަ ދޮގު ކުރާކަމަށް، ފުވައްމުލަކު ނޫން ބައެއް މީހުން ބުނާތީ އަޑުއިވެއެވެ. އަސްލަކީ އެބަހުގެ މާނަ އާއި އެ ބޭނުން ކުރާ ގޮތް އެމީހުންނަށް ނޭގޭތީއެވެ. މީހަކާއި ނުވަތަ ބަޔަކާއި ވާހަކަ ދައްކާއިރު ފުވައްމުލަކު ބަހުން ” ދޮގެކެ” ބައެއް ފަހަރު ” މީދޮގެކެ” މި ގޮތައް ބޭނުން ކުރެއެވެ. މިބަސް ބޭނުން ކުރަނީ ރަސްމީ ބަހުގައި ބޭނުން ކުރާ ” ދޮއްތޯ” މިބަހުގެ ބަދަލުގައެވެ. ” ދޮގެކެ” ބުނުމުން އަޑު އަހާ މީހުން ބޯޖެހުން، ފަދަ ކުދި އިޝާރާތް އަންނާނެއެވެ. “މީދޮގެކެ” ބޭނުން ކުރަނީ އެވާހަކަ ތެރެއަށް އަޑު އަހާ މީހުން ވައްދާ އެމީހުން ފަރާތުން އެއްޗެއް ބުނުމަށެވެ. ފުވައްމުލަކު މީހުން ވާހަކަ ދައްކާ އިރު އެވާހަކަ ނިމިގެން އެ ވާހަކަ ނަފީ ކުރާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނާތީ އަޑު އިވުނެވެ. އެއީ ފުވައްމުލަކު ބަހުން “އެހެންނުނެ” މި ބަސް ބޭނުން ކުރާތީއެވެ. މިއީ ރަސްމީ ބަހުން ބޭނުން ކުރާ “އެހެންނޫންތޯ” ގެ ބަދަލުގައި ބޭނުން ކުރާ ބަހެކެވެ. އެއްވެސް ހާލަތެއްގައި ކުރިން ދެއްކި ވާހަކަ ނަފީ ކުރުމުގެ ގޮތުން އެއްޗެއް ބުނަނީ އެއް ނޫނެވެ.

ފުވައްމުލަކު މީހުން ވާހަކަ ދައްކާ އިރު ބައެއް ލަފްޒުތަކުގައި ސުވާލު ހިމެނޭ އިރު އެއީ ސުވާލުކަން ފަހުމު ވާނީ ފުވައްމުލަކު މީހުންނަށެވެ. މިސާލަކަށް ” މެންދުރަށް ކައްކައިފިންތަ؟” މި އިބާރާތް ފުވައްމުލަކު ބަހުން ބޭނުން ކުރާނީ “މެންދިރަހަ ކައްކާލީއެ؟” މިހެންނެވެ. ރަސްމީ ބަހުގައި ސުވާލަށް “ތަ” “ތޯ” އަންނަ ތަންތަނަށް ފުވައްމުލަކު ބަހުގައި “އެ” އަންނާނެއެވެ. ނަމަވެސް ފުވައްމުލަކު ބަހުން ވާހަކަ ދައްކާ މީހާ އެ ވާހަކަ ދައްކާ ގޮތުން ނުވަތަ ޓޯނުން ، ބުމަޔަށް ނުވަތަ މޫނުގެ ހަރަކާތުން “އެ” ބޭނުން ނުކޮއް ސުވާލުކުރެއެވެ. މިސާލަކަށް ” މެންދިރަހަ ކައްކާލީ” ނުވަތަ ” މެންދިރަހަ ކައްކާލާ” މިގޮތަށް ބުނާ އިރު އަޑު އަހާ މީހާއި އެއީ ސުވާލެއް ކަން އިހުސާސް ވާނެއެވެ. މިއީ ވެސް ފުވައްމުލަކު ބަހުގެ އަޖާއިބެވެ…… “ނުނިމޭ”