2004 ވަނަ އަހަރު ސުނާމީގެ ފަހުން ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް ކުދި ކުދި ސުނާމީތައް އަންނަން ފެށިއެވެ. މިގޮތުން މަޝްހޫރު އޮގަސްޓް 12،13 އާއި އިވާން ނަސީމްގެ މަރުގެ މައްސަލަ އަކީ ފާހަގަ ކުރެވޭ ކަންތައްތަކެވެ. ސުނާމީގެ ރާޅުތައް ޑިމޮކްރަސީގެ ނަމުގައި ޖަޒީރާ ރަށްތަކުގެ ގޮޑުދޮށްތަކުގައި ބީހިލަމުން ގޮސް، ރާޅު ބޮޑުވެ، އުދައަރާ މިންވަރު އިތުރުވުމުން ދަނިކޮށް އޭރުގެ ރައީސް މައުމޫން ” އިސްލާހީ އެޖެންޑާ” އެއް އިއުލާން ކުރެއްވި އެވެ.

އިސްލާހީ އެޖެންޑާ ރައީސް މައުމޫން އިޢުލާން ކުރެވި އިރު އޭރުގެ އިދިކޮޅު ފަރާތްތަކުން އެދުވަސްވަރު ވެސް އަދި އިއްޔެ ވެސް މިއަދު ވެސް އިދިކޮޅުގައި ތިބޭއިރު ގޮވާލަމުން ގެންދާ ގޮވާލުންތަކަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ހުރި ދެކޮޅު ނުޖެހޭ ވާހަކަ ތަކާއި، އަދުލު އިންސާފު ނެތް ވާހަކަޔާއި، ތަކެތީގެ އަގު ބޮޑު ވާހަކަޔާއި، ނުހައްޤުން އަދަބު ދޭ ވާހަކަޔާއި، އާއިލީ ވެރިންކަން ހިންގާ ވާހަކަޔާއި، ހުރިހާ ބާރެއް އެކެއްގެ މުށުތެރޭގައި އޮންނަ ވާހަކަޔާއި، ހުޅުމާލެއިން ގޯތި ވިއްކަން ނުޖެހޭ ވާހަކަޔާއި، ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާކަމަށް ވާތީ އެއަށް ޚިޔާނާތްތެރިވާ ވާހަކަޔާއި، އެއްވެ އުޅުމުގެ މިނިވަންކަން ނެތް ވާހަކަޔާއި، ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ވާހަކައެވެ. ސަރުކާރު މުވައްޒަފަކު ވަޒީފާގައި ހުރެ ސަރުކާރާއި ދެކޮޅު ޚިޔާލު ފާޅުކުރާނަމަ އެއީ މިނިވަން ޚިޔާލުގެ ގަދަފަދަ ލީޑަރެއްގެ ގޮތުގައި އިދިކޮޅުން ފާހަގަކޮށް ދައްކާ ވާހަކަތަކެވެ. ކަންމަތީ ފިހާރާގެ ދަރަނި ބޮޑު ވާހަކަޔާއި، ބޭންކު ލޯނުގެ އިންޓްރެސްޓް ބޮޑުވެ، ރައްޔިތު މީހާ ދަރަނީގެ ޗެއިނަކުން ބަނދެލައިފައިވާ ވާހަކަޔާއި، ތަހްޤީޤުގައި އަދަގޮޑި ޖަހާ ވާހަކަޔާއި، ރައްޔިތު މީހާއަށް ގެދޮރު ނޭޅި ދިރިއުޅުމުގެ ބަދަލުގައި ގަނޑުތެޅޭ ވާހަކަޔާއި، ކަރަންޓާއި ފެނުގެ އަގު ބޮޑު ވާހަކަޔާއި، ރާއްޖޭގެ މުއްސަދިކަން ހުރި މިންވަރުން ދިވެހިން އުޅެން ޖެހޭފެންވަރުގެ ވާހަކަތަކެވެ. އިސްލާމީ ޝަރީއަތް ތަންފީޛު ކުރަންޖެހޭ ވާހަކައެވެ. ޗިލީ ރޯސް ޖަހައިގެން ތުބުޅި ބޭލުމުގެ ނުބައިކަމުގެ ވާހަކައެވެ. ދީނީ އިލްމުވެރިންގެ ދުލުގައި ތަޅު އަޅުވާފަތިބޭ ވާހަކައެވެ. ނުހައްޤުން ވަޒީފާއިން ވަކިކުރާ ވާހަކައެވެ. ނާޤާބިލު މީހުންނަށް ވަޒީފާ ދޭވާހަކައެވެ. ތިމަންމެންގެ ސަރުކާރުގައި ޕްރޮފެޝަނަލް މީހުން ތިބޭނީ އެމީހުންގެ ޕްރޮފެޝަންތަކުގައޭ ބުނާ ވާހަކައެވެ. މިފަދަ އެތަކެއް ހާސަރުތަކެކެވެ. މިވާހަކަ ތަކަކީ އިއްޔެ ނޫން ކުރީ ދުވަހު ވެސް، އިއްޔެ ވެސް، އަދި މިއަދު ވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އެވެ. މިއީ ސަރުކާރާއި އިދިކޮޅު މީހުން ކިޔާ ފޮތުގައި ހުންނަ ޑައިލޮގް އެވެ. ސަރުކާރާއި އިދިކޮޅު މީހުންގެ ބަސްމަގެވެ. ސަރުކާރު ހޯދުމަށް ނުވަތަ އިންތިޚާބު ކާމިޔާބު ކުރުމަށް ކިޔައިދޭ ލޯބީގެ ވާހަކަތަކެވެ.

އިސްވެ ބަޔާންކުރި ހުރިހާ ކަންތައްތައް ވެފައިވަނީ ރައްޔިތުން ފޮނި އުއްމީދުގައި ވޯޓް ދޭ އިރު، އެ ރައްޔިތުންގެ ތާއިދު ހޯދަން ބޭނުންވާ އާސްމާނުގައިވާ ތަރިއަށެވެ. ނަމަވެސް މި ފަދަ ލޯބީގެ ބަސްތައްވެފައި ވަނީ ކެންޕޭނުގައި ނުވަތަ ސަރުކާރު ހޯދުމަށް މަސައްކަތް ކުރާއިރު ބޭނުންކުރާ ލޯބީގެ ނާނާއަކަށެވެ. ސަރުކާރު ލިބުމުން މިދެންނެވި ލޯބީގެ ބަސްތައް ބަދަލުވަނީ ކަނު ލޯބީގެ ބަސްތަކަށެވެ. އަދި ކުރާ ހުސް ދައުވާ އެއްގެގޮތުގައެވެ. ބަހާއި އަމަލު ހުންނަނީ އިސްވެ ބަޔާންކުރި ކަންތަކާއި ދިމާ އިދިކޮޅަށެވެ.

ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީ ހިއްސާ އެކި މިންވަރަށް އޮތް ސަރުކާރުތައް މިއަދާއި ހަމަޔަށް ވުޖޫދު ވެއްޖެއެވެ. 11 ނޮވެމްބަރ 2008 ފެށިގެން މިއަދާއި ހަމަޔަށް އައިއިރު ކޮންމެ ރައްޔިތަކުވެސް ސަޕޯޓްކުރި ނުވަތަ ސަޕޯޓް ކުރާ ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި ބީހިލައިފިއެވެ. ސުވާލަކީ އިސްވެ ދެންނެވި ފޮނި އުއްމީދީ ވާހަކަތައް ޙަޤީޤަތަކަށް ވެފައި ވަނީ ކީހާވަރަކަށް ތޯއެވެ.

ކޮންމެ ބައެއްވެސް ސަރުކާރާއި ޙަވާލުވުމުން ފެންނަމުންދަނީ އިދިކޮޅުގައި ތިބިއިރު ދެއްކި ވާހަކަތަކާއި އިދިކޮޅަށް އަމަލުކުރާ މަންޒަރެވެ. ފެންނަމުން ދަނީ ސަރުކާރުގައި ތިބޭއިރު އެބަޔަކު ސަރުކާރާއި އިދިކޮޅަށް ތިބެ ދެއްކި ވާހަކަތައް ހަނދާން ނެތި އަމަލުތައް އެ ވާހަކަތަކާއި އިދިކޮޅަށް ހުންނަ މަންޒަރެވެ. މިއީ އިއްޔެ ނޫން ކުރީ ދުވަހު ގެ ސަރުކާރާއި އިއްޔެގެ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ވެސް އަމަލުތައް ހުރިގޮތެވެ.

އަދުލު އިންސާފު ވެފައިވަނީ އޭރަކު އޮންނަ ސަރުކާރަށް އެންމެ މޮޅު ގޮތަކަށެވެ. ތަކެތީގެ އަގު ބޮޑު ވާހަކައިގެ ބަދަލުގައި އޮންނަނީ އެއީ ތަކެތީގެ ހަމައަގު ކަމުގައި ކަނޑައެޅުމެވެ. ނުހައްޤުން އަދަބުދެވޭ ނަމަ އެއީ އިންސާފު ޤާއިމުވީއެވެ. އާއިލީ ވެރިންކަން އޭ ބުނެފިނަމަ އެއީ އެންމެ ޤާބިލް މީހާއަށް ވާތީ ދެވޭ މަޤާމުކަމުގައި ބުނަންފަށައެވެ. ހުރިހާ ބާރެއް އެކެއްގެ މުށުތެރޭގައި ހުންނަ ވާހަކަ ބަދަލުވަނީ ޑިމޮކްރަސީ ފައްކާވަނީކަމަށެވެ. ދައުލަތުގެ ކުންފުނިތަކުން ތަކެތި އާއި ޚިދުމަތުގެ އަގު ބޮޑުކޮއްފައި ބުނަނީ ސަރުކާރުން ލޯން ދެއްކުމާއި ސަރުކާރުންކޮށްފައިވާ ޚަރަދު ދެކޮޅު ޖައްސަން ޖެހޭ ވާހަކައެވެ. ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވާން ފެށުމުން އެވާހަކަ ދެއްކުމުން އޭގެ އެންމެ ފުންމިނުގައި އެކަން ތަހުޤީޤު ކުރާނެ ވާހަކަ ބުނެއެވެ. އޭގެ ފުންމިން ވަނީ މާކަނޑުގެ އަޑިއަށް ވުރެ ފުންކޮށެވެ. އާޚިރު ނަތީޖާއަކީ ތިން ފަރާތުން އަގު ނުބަލާ ފަންސަވީސް ރުފިޔާ ޚަރަދު ކުރި ސިވިލް ސާރވިސް މުވައްޒަފުގެ މައްސަލަ ބެލި ވަޒީފާ ގެއްލި، ހުކުމާއި ކުރިމަތިލާން ޖެހެއެވެ. ދައުލަތުން ބައިތުލް މާލުން ބިލިއަނުން ކާ ހުސްކުރާމީހާ އަށް ކުރެވޭ އެއްކަމެއް ވެސް ނެތެވެ. ފަހަރުގައި އަދަދު ކުޑަވީމަ އެކަން އޮތީ ތިލާގައިކަމަށްވެފައި، ބޮޑެތި އަދަދު އޮންނަނީ ބޮޑުކަމުން، ބަރުކަމުން، މާއަޑީގައި މާފުނުގައި ކަމުން އަދި އެހިސާބަށް ނުދެވެނީކަމަށް ވެދާނެއެވެ. މުޒާހަރާތައް ކުރަން ފެށުމުން ކޮންމެ ސަރުކާރަކުން ވެސް ބުނަނީ ” ހުއްދަ ހޯދައިގެން މުޒާހަރާ ކުރާށެވެ” ކާނިވާ ސަރަހައްދަށް އެއްވާށެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން ސަރުކާރު ވަޒީފާ އަދާކުރާ މީހަކު ސަރުކާރާއި ދެކޮޅަށް ޚިޔާލު ފާޅު ކުރާނަމަ ވަޒީފާގެއްލެއެވެ. ގޮވަނީ ސަރުކާރު މުވައްޒަފުން ސަރުކާރު ދިފާއު ކުރަންޖެހޭ ވާހަކައެވެ. ރައްޔިތު މީހާއަށް ކަންމަތީ ފިހާރައިގެ ދަރަނި ކުޑަކުރެވޭނެ ގޮތެއް ހޯދައެއް ނުދެވެއެވެ. ބޭންކު ލޯނުގެ އިންޓްރެސްޓް ކުޑައެއް ނުކުރެވެއެވެ. ރައްޔިތު މީހާއަށް ގެދޮރު އެޅޭނެ ހައުސިންގ ސްކީމެއް ވުޖޫދަށް ނާދެއެވެ. ކަރަންޓާއި ފެނުގެ އަގުވަނީ ބޮޑެވެ. ސަބަބަކީ ބޭނުންކުރާ ނިސްބަތް ނުވަތަ ” ހޫނު މޫސުމަށް” ވާތީއޭ ބުނަންފަށައެވެ. ރާއްޖޭގެ މުއްސަދިކަން ހުރި މިންވަރުން ދިވެހިން އުޅެން ޖެހޭފެންވަރުވާހަކަ ދެއްކުން ހުއްޓާލައެވެ. އިސްލާމީ ޝަރީއަތް ތަންފީޛު ކުރަންޖެހޭ ވާހަކަ ދެއްކި ކަމެއް ހަނދާނެއް ނުހުރެވެ. ކުރަނީ ދީނަށް ފުރައްސާރަ އާއި ޖެއްސުމެވެ. ލާދީނީ މީހުން އުޅެނީ މާ މިނިވަންކޮށެވެ. ދީނީ އިލްމުވެރިންގެ ދުލުމުގައި ތަޅު ނެއްޓުމަށް ފަހު ދީނީ ދަރުސް ދޭން ސްކޫލް ހޯލެއްހާމިންވަރު ވެސް ދިނުމެއް ނެތެވެ. ނުހައްޤުން ވަޒީފާއިން ވަކިކުރުމަކަށް ބަދަލެއް ނާދެއެވެ. ޤާބިލު މީހުންނަކީ އެޕާޓީއެއްގެ އެކްޓިވިސްޓުންނެވެ. ޕްރޮފެޝަނަލް މީހުން ބާކީ ވަނީ އެވެ.

މިއީ ވަކި އެމްޑީޕީ، ޕީޕީއެމް ގެ ވާހަކައެއް ނޫނެވެ. ޖުމްހޫރީ ޕާޓީ، އާދާލަތު ޕާޓީގެ ވާހަކައެއް ނޫނެވެ. އަދި ދެން ހުރި ޕާޓީތަކުގެ ވާހަކައެއް ވެސް ނޫނެވެ. ކަން ހިގާމަގެވެ. ލޮލުން ފެނި އަތުން ހިފާލެވޭ ޙަޤީޤަތެވެ.

ތިބާ ވިސްނާ ފިކުރުކުރަންވީ ދިވެހި ތާރީޚްގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އިދިކޮޅުގައި ތިބޭއިރު ދައްކާ ވާހަކައާއި ކަންކުރަން ބުނާ ގޮތަށް ވެރިކަމަށް އައިސް ކަންކުރެވެނީ ކިހާވަރަކަށް ތޯއެވެ. އަދި ވެރިކަމުގެ ދައުރު ހަމަވުމުން ނުވަތަ ވެރިކަން ބީވުމުން ދުރަށްގޮސް އިދިކޮޅު ރޫހް ޖެހުނީމާ ދެން ސަރުކާރުގައި ތިބިއިރު ދެއްކި ވާހަކަ އާއި އަމަލު ކުރި ގޮތް ހަނދާން ހުންނަ މިންވަރަކެވެ. މިހެންކަމުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތީ ދެ ފޮތެވެ. އެއީ އެއްކޮޅު ފޮތާއި އިދިކޮޅު ފޮތެވެ. ކޮންމެ ބަޔަކު އެއްކޮޅު ގައި ވިޔަސް ދެކޮޅުގައި ވިޔަސް ބަސްމަގު ހުންނަނީ މިދެންނެވި ފޮތުގައި ހުންނަ ބަސްތަކެވެ. އިދިކޮޅުގައި ތިބެފަ ސަރުކާރަށް ދާއިރު ނުވަތަ ސަރުކާރުގައި ތިބެފަ އިދިކޮޅަށް ދާއިރު މި އެބަޔަކު ކިޔާ ފޮތް ދޫކުރުމުގެ ބަދަލުގައި އެފޮތް ހިފާގެންގޮސް އޭގައި ހުރި އެއްޗެއް ކިޔުމުން ނޫނީ ބަހާއި އަމަލެއް ދިމަލެއް ނުވާނެއެވެ. އިދިކޮޅުގައި ކިޔަން ގެންގުޅުނު ފޮތް ސަރުކާރާއި ހަވާލުވެ ދޫކޮށްގެން ނުވާނެއެވެ.